ބުލީ ކުރުމުގެ މައްސަލަ އަކީ ބެލެނިވެރީންނާއި ޓީޗަރުން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން މި އަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އއ. އަތޮޅުގައި ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ޝަރަފުވެރި ކޮށްދެއްވައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް އަދި އުކުޅަހު ކައުންސިލާއި އ.ތ.މ. ކޮމެޓީ އަދި އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ކުލަބްޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ރާފިޢުއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ފުލުހުންނާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީހާއި އުކުޅަހުގެ ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގެ ސްޓޯލްތައް ބަހައްޓާފައި ހުއްޓެވެ. ކުޑަކުދިންގެ ހަވީރު ހުޅުވައިދެއްވުމުގެ ކުރިން، ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅޭ ބިލްބޯޑް ވެސް ވަނީ ހުޅުވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަށް އަލިއަޅުވާލައްވައި އެކަމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކުދިން ބުލީގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްކަންދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާއި ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތްކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި ކުޑަކުދިންގެ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގައި ކުޑަކުދިންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި އަނިޔާތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި 1 މިނެޓްގެ ސުކޫތެއް ގެނެސްފައިވެއެވެ.

އަދި މި ހަވީރުގައި އުކުޅަހުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތައް ބައްލަވައިލައްވާފައެވެ.