މީހަކު ރަހީނުކޮށް، އޭނާގެ އޮރިޔާންކާޑު ހަދާ ބިރުދައްކައި، ފޭރުނު މައްސަލައިގައި، ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ، ސީރީން މަންޒިލް، މުހައްމަދު ލާމިރު (27 އަހަރު)، ގދ. ނަޑެއްލާ، ގަހާކޮޅި، ހުސައިން މައޫޒުރ(26 އަހަރު) އަދި ގދ. ނަޑެއްލާ، ހިތަށް ފިނިވާގެ، ޝަހުމީން ރަޝީދު (25 އަހަރު) އެވެ.

އެ މީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައިވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމާ، އޮރިޔާންކާޑު ހެދުން، ވައްކަން، ބިރު ދެއްކުން އަދި ފޭރުމާ ގުޅިގެންކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި ތިން މީހުންނާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާ، ސީސީޓީވީގެ ކެމެރާގެ ސްނެޕްޝޮޓްތަކަށް ބެލުމަށްފަހު ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޝަހުމީން ރަޝީދު އަކީ ވަޒީފާއެއްގައި އުޅޭ މީހެއްކަމަށް އޭނާ ބުނެފައިވާއިރު، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ލާމިރު އާއި ހުސައިން މައޫޒަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިނުވާކަމަށް ބުނުމުން އެ ދެމީހުންގެ ބަންދަށް ދީފައިވަނީ ފަސް ދުވަހެވެ.

މި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް ތިން މީހުންނެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.