އިސްލާމްދީނުގައި ފަރުޟު ކުރައްވައިފައިވާ ފަސް ނަމާދު، އޭގެ ވަގުތުގައި ޤާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުޢިޢްޒު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ، އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހައި ދިވެހީން އަހުލުވެރިވާން ކަމަށެވެ.
”މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދު. އެހެންކަމުން، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ނަސޭހަތްތެރިވަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ޖަމާޢަތުގައި ފަތިސް ނަމާދު ކުރައްވަވާ ރައީސް މުޢިއްޒު ވަނީ، އެ ޖަމާޢަތުގެ މުހިންމުކަން ފާހަގަކުރައްވައި، ފަތިސް ނަމާދުން ދުވަސް ފެށުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
”ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް. ޝައްކެއްނެތް. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ޤައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ.“
މީގެ އިތުރުން ރައީސް ވަނީ ދުލުގެ ސީދާކަމުގެ މުހިންމުކަން ފާހަގަކުރައްވަވައި، ވަޢުދަށް ކަމޭ ހިތުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.
އަދި މުނާފިޤުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށާއި، ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދާ ޚިލާފުވެ ޚިޔާނާތްތެރިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ އަޅުގަނޑު ވެއްޖެ ވަޢުދަކަށް އަޅުގަނޑު އަމާނާތްތެރިވާނަންކަން.“
