މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 83.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު އިތުރެވެ. މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 81.6 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ އެޕްރީލް މަހުއެވެ. އެއީ 22.3 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މުދަލު ޒަކާތާ ގުޅޭ ތަފުސީލަށް ބަލާއިރު، ޖެނުއަރީ މަހު 5.1 މިލިއަން ރުފިޔާ، ފެބްރުއަރީ މަހު 5 މިލިއަން ރުފިޔާ، މާޗުގައި 11.1 މިލިއަން ރުފިޔާ، އެޕްރީލް މަހު 22.3 މިލިއަން ރުފިޔާ، މެއި މަހު 4.5 މިލިއަން ރުފިޔާ، ޖޫން މަހު 3.1 މިލިއަން ރުފިޔާ، ޖުލައި މަހު 7.3 މިލިއަން ރުފިޔާ، އޮގަސްޓް މަހު 8.5 މިލިއަން ރުފިޔާ، ސެޕްޓެމްބަރު މަހު، 2.8 މިލިއަން ރުފިޔާ، އޮކްޓޯބަރުމަހު 6.5 މިލިއަން ރުފިޔާ އަދި ނޮވެމްބަރު މަހު 7 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތުގެ ނިސާބަކީ މިހާރު 7،151.90ރ.އެވެ. ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅުމުން އެއަށް ރިއާޔަތްކޮށެވެ.