ހުޅުމާލޭގައި ދިރިއުޅޭ މީހުން، އެ އަވަށަށް ހިޖުރަ ކުރި ސަބަބު ހޯދުމަށް އާބަންކޯއިން ދިރާސާއެއް ކުރަން ފަށައިފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި ދިރާސާ އަކީ އާބަންކޯ އާއި، ޖަޕާނުގެ ގްލޯބަލް އިންފްރާސްޓްރަކްޗަރ ފައުންޑޭޝަން އާއި، އެ ޤައުމުގެ އިންޓަރނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް ޑިޒާސްޓަރ ސައިންސް، ޓޮހޯކޫ ޔުނިވަރސިޓީ އާއި، ސަސަކަވާ ޕީސް ފައުންޑޭޝަނުން ރާވައިގެން ކުރިއަށް ގެންދާ ދިރާސާއެކެވެ.

އާބަންކޯ އިން ބުނީ، ހައެއްކަ މިނެޓު ހޭދަވާ މި ދިރާސާގެ މަޤްސަދަކީ އާޓިފިޝަލް ރަށެއް ކަމުގައިވާ ހުޅުމާލެއަށް މީހުން ދިރިއުޅުން ބަދަލުކުރި ސަބަބުތައް ދެނެގަތުމާއިއެކު، ހުޅުމާލެއިން ރައްޔިތުން ބޭނުންވާ ޚިދުމަތްތަކަކީ ކޮބައިތޯ ބެލުމެވެ.

ހުޅުމާލޭގައި އުޅޭ އުމުރުން 18 އަހަރުން މަތީ މީހުންނަށް ބައިވެރިވެވޭ މި ދިރާސާގައި ކުރާ ސުވާލުތަކުގެ ތެރޭގައި ހުޅުމާލެއަށް ބަދަލުވި އަހަރާއި، އެ ތަނުގައި ދިރިއުޅޭ ފިޔަވައްސަކީ ކޮބައިތޯއާއި، ގޭގައި އުޅޭ މީހުންގެ އަދަދާއި، އަހަރެއްގެ މައްޗަށް ލިބޭ އާާމްދަނީ އާއި، ދިރިއުޅުމުގެ ޙާލަތާއިމެދު ހިތްހަމަޖެހޭތޯ އާއި، ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން އުޅުނު ތަނަކީ ކޮބައިތޯއާއި، އެތަނަށް ހިޖުރަ ކުރަން ނިންމީ އަމިއްލައަށް ބޭނުންވެގެންތޯ ނުވަތަ އާއިލާ، ނޫންނަމަ މަސައްކަތުގެ ސަބަބުންތޯވެސް އަހައެވެ.

މި ދިރާސާގެ މަޢުލޫމާތު ހުލާސާ ގޮތެއްގައި ހާމަ ކުރެވިގެންދާނެ ކަމަށާއި، ގުޅުންހުރި ބައިނަލްއަޤްވާމީ ކޮންފަރެންްސްތަކަށް ވެސް ހުށަހެޅޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އަދި މި ދާރާސާ އިން ލިބޭ މަޢުލޫމާތަކީ ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ކުރާ މަސައްކަތުގައި އާބަންކޯއިން ބޭނުންކުރާނެ އެއްޗެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.