ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުޞޫލެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ނިންމަވައިފިއެވެ.
ރައީސް މުޢިއްޒު މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭގައި ”ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް“ ވަނީ ހިމަނުއްވާފައެވެ.
މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި އެކަމާއިގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާންކުރައްވާފައިވެއެވެ.
މި އުޞޫލުގައި ހިމެނިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި، ޑިސްއެބިލިޓީ ސެންސިޓައިޒިންގ ތަމްރީން ކުރިއަށްގެންދިއުން ފަދަ ކަންކަން ހިމަނާފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 2023 ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 ފަރާތެއް ދަފުތަރުކުރެވިފައިވެއެވެ.

Thi adhi nukulhedhuntherikan hunna meehunghe vaahaka ahrmen mi dhaaimee bayyakah beyheh beynunkuraa meehakahveema evves thaakun vazeefa nudheeghen miulleny dhen emeehunnah kihne baa hadhaany