މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރާ ޢުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ކުރާ ދަތުރުތަކުގައި ހައިސްޕީޑް ޓްރެއިން ބޭނުންކުރަން ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ޢުމްރާ ދަތުރުތަކާއި ގުޅުންހުރި ޚިދްމަތްތައް ލުއިފަސޭހަ އަދި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުންކަމަށެވެ.

މައްކާ އަދި މަދީނާ ދެމެދު ބަހުގައި ކުރާ ދަތުރަށް 6 ނުވަތަ 8 ގަޑިއިރު ހޭދަވެއެވެ. އަގުހޮޔޮކޮށް ދަތުރުކުރުމުގެ ގޮތުން ގިނަ ޢުމްރާވެރިން ދަތުރުކޮށް އުޅެނީ ބަހުގައެވެ. ނަމަވެސް މިއީ އުދަނގޫ ދަތުރުކެވެ. އަދި ގިނަ ވަގުތު ބަހުގައި ހޭދަކުރަންޖެހުމުން ޢުމްރާވެރިންގެ މެދުގައި ފަސޭހައިން ހުމާއި ރޯގާ ފެތުރޭކަންވަނީ ފާހަގަކުރެވިފައިކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ނަމަވެސް ހައިސްޕީޑް ޓްރެއިންގައި ކުރާ ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 2 ގަޑިއިރު ނުވަތަ 2 ގަޑިއިރާއި 20 މިނެޓް ކަމަށާއި އެހެންކަމުން ވަގުތުގެ ގޮތުން ބެލިކަމުގައި ވީނަމަވެސް، މިއީ ޢުމްރާވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން ބުނެފައިވަނީ އުމުރާވެރިންގެ މައްކާ-މަދީނާ ދަތުރުތަކަށް ހައިސްޕީޑް ޓްރެއިން ބޭނުންކުރުމަށް އެ ކޯޕަރޭޝަނުން އިތުރު ޚަރަދުތަކެއް ކުރަންޖެހުނު ނަމަވެސް އުމްރާވެރިންގެ އަތުން މިހާރު ނަގާ އަގަށް އިތުރު ބަދަލެއް ނާންނާނެކަމަށެވެ.

އުމުރާވެރިންގެ މައްކާ-މަދީނާ ދަތުރުތަކަށް ހައިސްޕީޑް ޓްރެއިން ބޭނުންކުރަން ފެށުމަކީ ހައްޖު ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަމާއި އެހީތެރިކަމުގެ ސަބަބުން ފަހިވެގެންދިޔަ ފުރުސަތެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.