ދަ ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމައިފިއެވެ.

ނަޝީދު ސިޔާސީ ކަންކަމާ ދުރަށް ދާކަން ހާމަކުރެއްވީ މިދިޔަ ޑިސެމްބަރުގައެވެ. އެމަނިކުފާނު ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފައެވެ.

ނަޝީދު ގާނާއަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ނަޝީދު މާލެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވަމުން ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ނަޝީދު ރާއްޖެ ވަޑައިގެން ތިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން 19 އޭޕްރިލްވާ ހުކުރު ދުވަހުގެ ހަވީރު ވިލިމާލޭގެ ޑިމޮކްރެޓްސްގެ ޖަގަހަ ކުރިމަތީ ބާއްވާ ކެމްޕެއިން އެއްވުމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ހަމަ އެ ދުވަހުގެ ރޭ ”ރައީސް ނަޝީދު ލެޖިސްލެޓިވް އެޖެންޑާ“ ހުށަހެޅުމުގެ ހަރަކާތެއް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އަދި ކެމްޕެއިން ނިންމާލުމުގެ ގޮތުން ހުޅުމާލެ ރުއްގަނޑުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ އެއްވުމުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.