ހައްދުންމަތީ ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރައްވައިފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ލ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސްވަނީ ފަށްޓަވާފައެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓްގެ ކޮންޓްރެކްޓް އެވޯޑްކުރުމާއި ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓް އިފުތިތާޙް ކުރުންވެސް އޮތެވެ.
ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނާ އެކުގައެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްތަލިބެވެ.
ސީ.އެމް.އޭ.ސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއިއެވެ.
ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްޤީކުރާއިރު 2.45 ކިލޯމީޓަރުގެ ރަންވޭއަކާއެކު ޕީކް ގަޑީގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓަރމިނަލެއް ތަރައްގީ ކުރާނެއެވެ. މީގެ އިތުރުން ފިއުލް ފަރމްއާ އަދި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ތަރައްގީ ކުރެވޭނެއެވެ.
ކައްދޫ އެއަރޕޯޓް ތަރައްގީ ކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 56.60 ހެކްޓަރުގެ ބިން ހިއްކައި 4433 މީޓަރުގެ ރިވެޓްމަންޓު ޖަހާނެއެވެ.
