ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ލ. ކުނަހަންދޫގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލު މެންބަރުން ވަނީ ރަށަށް ތަރައްގީ ގެނައުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ވަނީ ރަނގަޅު ނަރުދަމާ ނިޒާމެއް ރަށުގައި ނެތުމާއި، ފުޓްބޯޅަދަނޑު ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި ކައުންސިލްގެ ފަރާތުންވަނީ ރަށުގައި ވަޒީފާތައް އުފެއްދުމަށް ގެންގުޅޭ ވިސްނުން ރައީސްއާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމާއި، ކުނަހަންދޫގެ ސްކޫލް އިތުރަށް ކުރިއެރުވުމަށް ކައުންސިލްގެ ހިޔާލު ރައީސްއާ ހިއްސާކުރައްވާފައިވެއެވެ.
ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އުދައަރާ ދުވަސްވަރެއް ނަމަ ރަށުތެރެއަށް ލޮނުގަނޑު ފޭދުމުން ދިމާވާ ގޮންޖެހުންތަކާއި، ހޮސްޕިޓަލުގެ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިކަމަށް އަވަސް ޙައްލެއް ބޭނުންވާކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
