ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ލޯގާ އާއި ދިދަ ތައާރަފުކޮށްފިއެވެ.
ދިދަ އާއި ލޯގޯގެ ތަސްވީރު އާއްމު ކުރީ ޕީއެންއެފްގެ ވަގުތީ ރައީސް، އަދި ޔާމީންގެ ދަރިކަލުން ޒޭން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕީއެންއެފްގެ ކުލަތަކަކީ ކަނޑުނުލާއި ގުރާފެހި ކުލައެވެ. އެ ޕާޓީގެ ލޯގޯގައި ވަނީ ތަރިއަކާއި ހުޅެވިހަނދެކެވެ.
ލޯގޯގެ ތަރީގައި ގުރާ ފެހި ކުލަ ހުންނަ އިރު ހުޅެވިހަނދު ހުރީ ކަނޑު ނޫކުލައިގައެވެ.
ޕީއެންއެފް އުފައްދަން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި 329 މީހުން ބައިވެރިވިއެވެ.
އެ ޖަލްސާގައި ވަނީ ޕީއެންއެފް ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދުވެސް ފާސްކޮށްފައެވެ.
ޕީއެންއެފްގެ ވަގުތީ ރައީސްގެ މަގާމަށް ޒެއިން ހޮވިއިރު، ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު މަލީހު ޖަމާލެވެ. އަދި ވަގުތީ ހަޒާންދާރުގެ މަގާމަށް އަހުމަދު މުސްތަފާ ހޮވިއިރު ވަގުތީ ރަޖިސްޓްރާގެ މަގާމަށް އަލީ ޝިޔާން ވަނީ ހޮވާފައެވެ.
