ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ(އ.ތ.މ ކޮމިޓީ)ތަކުގެ ކުރިމަގަށް ކުރައްވާ އުއްމީދުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ، ލ. މާމެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ތަރައްގީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ ލ.ފޮނަދޫ އިޖުތިމާއީ މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ތ.މ ކޮމިޓީތަކުގެ ކުރިމަގަށް އެ މަނިކުފާނު ކުރައްވާ އުއްމީދުތައް ހާމަކޮށްދެއްވާފައެވެ.
އެގޮތުން އ.ތ.މ ކޮމިޓީތަކަކީ އެހެނިހެން ވަޒީފާތަކެކޭ އެއް ހަމައެއްގައި ފުރުޞަތުތައް ތަނަވަސްވެފައިވާ ބައެއްކަން ކަށަވަރު ކުރެއްވުމަކީ އެ މަނިކުފާނު ކުރައްވާ އުއްމީދެއްކަން ހާމަކޮށްދެއްވިއެވެ. އެގޮތުން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލަވަންސަށް ހެޔޮ ބަދަލު ގެނައުމުގެ އިތުރުން ޗުއްޓީ ފަދަ އިނާޔަތްތައް ހަމަޖެހިގެން ދިއުމަކީ ކުރައްވާ ތަސައްވުރެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސްޒ ދެއްވާފައިވެއެވެ.
