ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ބިލެތްދޫ ފެނަކަ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބުގެ މަސައްކަތް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި ފުޓްބޯޅަ ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކައުންސިލު އިދާރާގެ އާ އިމާރާތެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި އެ ރަށުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރުކަން ފާހަގަކުރައްވައި މަގޫދޫގެ އެއަރޕޯޓްގެ މަޝްރޫއުވެސް އަދި ތަރައްގީގެ އެހެން މަޝްރޫއެއްވެސް ހުއްޓާނުލައްވައި ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އަދި އެކަންކަމުގެ އިތުރުންވެސް ތަރައްގީގެ މަޝްރޫޢުތައް އެރަށުގައި ހިންގަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
