ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވި، ހދ.ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް އެ ކުންފުނީގެ އެޑްވާންސް ޓީމެއް މީގެ ކުރިން ކުޅުދުއްފުށްޓަށް ފޮނުވުނު ކަމަށެވެ. އަދި އެ ޓީމު މިހާރު މާލެ އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި އެ ޓީމުގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ އަށް މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ކުޅުދުއްފުށިން ކަރަންޓު ކެނޑުނީ، އެ ސިޓީގައި އެ ހިދުމަތް ދިނުމަށް ބޭނުންކުރާ ހަތް ޖަނެރޭޓަރުގެ ތެރެއިން ތިން ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުންނެވެ.

މިމަހު 15 ވަނަ ދުވަހު ހެނދުނު އެރަށުން އެއްކޮށް ކަރަންޓު ދިޔުމުން އެ މައްސަލަ ހައްލު ކުރުމަށްވެސް ސްޓެލްކޯގެ ޓީމެއް އެރަށަށް ދިޔައެވެ. މައްސަލަ ހައްލު ކުރީ، ސްޓެލްކޯ އާއި ފެނަކަ ގުޅިގެންނެވެ.