ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ މީސްމީޑިއާގައި ވިދާޅުވީ، މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށެވެ.

މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވެފައި، ކަރަންޓު ބިލު ބޮޑުވުމުން ރައްޔިތުން ދިޔައީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ރައީސް މުއިއްޒު، މާޗު މަހު ބ. އަތޮޅުގެ އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގައި އާންމުކޮށް ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިފަހަރު ރޯދަ މަހުގައި އެހެން ނުވާނެ ކަމަށެވެ.

”އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ. މިހާރު ފެނަކަ އާއި ސްޓެލްކޯގައި އަޅުގަނޑު ދަންނަވާފައިވާނެ، އެމްޑަބްލިޔުއެސްސީއަށް ވެސް ދަންވާފައިވާނެ އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި،“ އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ މިމަހު ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީ ކަމަށް ވިދާޅުވެފައެވެ.

މިއީ ރާއްޖޭގައި އެކަނިވާ ކަމެއްނޫންކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

(