މި ދުވަސްވަރަކީ ވިއްސާރަވެ، ވައިގަދަވާ ދުވަސްވަރަކަށް ވުމުން، ސިނަމާލެ ބްރިޖުގައި ދަތުރު ކުރާއިރު، ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ރޭ އެކްސް އަދި ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ސިނަމާލެ ބްރިޖު އަދި ހަލި މަގު (ހައިވޭ) އިން ދަތުރު ކުރާ އިރު، ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ސައިކަލް ދުއްވާ އިރު، ކުޑަ ނަގައިގެން ނުދުއްވުމަށާއި ފަސޭހަ އިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުން ނުކުރުމަށް ވެސް ފުލުހުން އެދެއެވެ. އަދި ހެލްމެޓް ވެސް ވަޔާ ނުދާނެ ހެން ރަނގަޅަށް އެޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެއިތުރުން އުޅަނދުގެ ލައިޓްތައް ދިއްލޭތޯ ބަލައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްގެން ދަތުރު ކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރިއެވެ.

މާލެ ސަރަހައްދަށް ވަރަށް ގަދައަށް ވައި ޖެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ހަވީރު ވަނީ އޮރެންޖު ސަމާލު ވެސް ނެރެފައެވެ.