މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުރިމަތިކުރުވާ ކަންކަން ކުރުމުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށާއި، މި ނުރައްކަލުން އަރައިގަންނަން ރާއްޖެއަށް ދުނިޔޭގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުޖްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސްމޯލް އައިލޭންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައި ގަތުމަށް ބާބިއުޑާއަށް ރައީސް ވަޑައިގެންފައި ވާއިރު، ”ދަ ގާޑިއަން“ އަށް ދެއްވި ބަސްދީގަތުމެއްގި އެމަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑު ކަމަށެވެ.

ކަނޑުގެ ލޮނުގަނޑުން އެންމެ އެއް މީޓަރު އުހުގައި އޮތް ޖަޒީރާ ރާއްޖެއަށް ލޮނުގަނޑު އުފުލުމުގެ ނުރައްކާ ބޮޑުވާކަން ދުނިޔޭގެ ސަމާލުކަމަށް މީގެ ކުރިން ގެނެސްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނުރައްކާ އޮތްކަން ދެނެގަނެ އެކަމުން އަރައިގަތުމަށް ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރާ ކަމަށެވެ.

ނަމަވެސް 1989 ގައި ސަމާލުކަމަށް ގެނައި އެ މައްސަލަ އާ މެދު މިއަދު ވެސް ދުނިޔެ ވިސްނާ އަޑުއަހާތޯ އެއީ އުފައްދަން ޖެހޭ ސުވާލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތައް ހައްލު ކުމުގެ ބޭނުމުގައި އުފައްދާފައި އޮންނަ ފަންޑު މިއަދުވެސް އޮތް ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް އެކަމުގެ މަންފާއެއް ލިބެމުން ނުދާ ކަމަށެވެ.

ދުނިޔެ ހޫނުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ [ޖައްވައް ދޫކުރާ ކާބަންގެ ބާވަތްތައް ކަމަށް ވާ، ފޮސިލް ފިއުލްގެ ތެރޭގައި ހިމެނޭ ކޯލް އާއި ގޭސް] ޖައްވަން ދޫކުރުމުގައި ރާއްޖެއިން ހިއްސާ ކުރާ ޕަސެންޓަކީ 0.0003 ޕަސެންޓް ނަމަވެސް މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ކުރާ އެއް ޖަރީޒާ ގައުމަކީ ނުވަތަ މޫސުމީ ޝިކާރައަކަށް ވާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.