ފަތުރުވެރިޔަކު ކ.ތުލުސްދޫއަށް ކުއްތާއެއް ބޭލި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެ އަތޮޅު ހިންމަފުށީ ބޭރުގައި އޮތް ޔޮޓަކުން ތުލުސްދޫއަށް ކުއްތާއެއް ބާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ކުއްތާއަކީ ހުއްދަ ލިބިގެން ރާއްޖެ އެތެރެ ކޮށްފައިވާ ކުއްތާއެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަތުރުވެރިޔާ، ރާއްޖެއަށް ކުއްތާ އެތެރެކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ ހުއްދަ ދީފައިވަނީ އެ ކުއްތާ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި ގެންގުޅުމަށް އެކަނި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ޔޮޓު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރި ނަމަވެސް، ކުއްތާ ޔޮޓުން ނުބޭލޭނެ ކަމަށް ހުއްދައިގައި ބަޔާންކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ނަމަވެސް ހުއްދައާ ހިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެެވެ.
