ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ މަހާސިންތާ ނުވަތަ ސިޑްސްގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވަނީ، ރާއްޖެ މި އެދޭ ބަދަލުތައް ގެނައުމުގައި، ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުން ބޭނުންވާކަލުހައި ވިދާޅުވެފައެވެ.

ޕްރައިވެޓް ސެކްޓަރ ފައިނޭންސްއާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެއް ސިނާއަތަކަށް އިގްތިސާދު ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިގްތިސާދު ސިންދަފާތުވުމުން އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީވެގެންދާނެކަމަށެވެ. އަދި އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީވެގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުނުކުރެވޭނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ގާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ޕްރައިވެޓް ސެކްޓަރގެ ދައުރު ބޮޑުކުރުން ކަމަށެވެ.