ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ދާއިމީ ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކުވެރި ގައުމުތަކުން ރާއްޖޭގެ އެ ނިންމުމަށް އިހްތިރާމު ކުރުމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޣައްސާން މިކަމަށް ގޮވާލެއްވީ ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި ”ޝަންގްރިލާ ޑައިލޮގް 2024″ގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވެސް މިހާރު ވަނީ ފޮނުވައިލައިފައެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖެއިން އެކި ގައުމުތަކާ އެކު އަބަދުވެސް ދިފާއީ ގުޅުންތައް ގާއިމުކޮށް ރާއްޖޭގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއް އަސްކަރީ ސިފައިން ދާއިމަށް ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ގައުމުގައި ދާއިމީ ގޮތަކަށް ބޭރުގެ އަސްކަރީ ބަޔަކު ތިބުމަކަށް ބޭނުމެއް ނުވޭ. އަދި އެކަމެއް ނުވެސްވާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ދަތިތަކެއް ހުންނާތީ އެކަން ޔަގީންކުރަން ބަލަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ކަމަށެވެ. އެކަމަކު ބައެއް ގައުމުތަކުން އެފަދަ ކަންކަމަށް އިހްތިރާމު ނުކުރާތީ ކުދި ގައުމުތަކުގެ ސަލާމަތަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކޮށް ދިވެހިންގެ ދިފާއީ ކަންކަން ދިވެހިން އަމިއްލައަށް ބެލެހެއްޓުމާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއްދޭ އެއް ސިޔާސަތު ކަމަށެވެ.