ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތަކުގެ މަސައްކަތް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަން ހިންގަމުން އައި އިމާރާތަށް ބަދަލުކޮށްފިއެވެ.
މިކަން ހާމަކޮށް ކްރިމިނަލް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ އިން ފެށިގެން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ އިމާރާތުގައި ހުރި ޝަރީއަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11، މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެ ކޯޓުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުން ނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން، ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެންމެ މާލަމެއްގައި ކަމަށެވެ.
ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން، ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެ ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީއަތްކުރާ ތިން މާލަން ހުސްކޮށްފައިވާ ކަމަށާއި، އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވާކަން އެ ކޯޓުން ފާހަގަކޮށްފައިވެއެވެ.
މި 6 މާލަން، 11 ގާޒީންގެ މެދުގައި އެކި ދުވަސްތަކަށް ބަހާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ނިންމާފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.
