ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ހަމަލާތައް ދެމުން އަންނައިރު، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިޔުއެޗްއޯއިން ފަލަސްތީނަށް ދޭ އެހީތެރިކަން އިތުރު ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
މިއަހަރުގެ ވޯލްޑު ހެލްތު އެސެމްބްލީގައި، ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ.
ފަލަސްތީނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޔަހޫދީން ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާކަން ފާހަގަކުރައްވައި، މިނިސްޓަރު ކަންބޮޑުވުންފާޅު ކުރެއްވިއެވެ.
މިގޮތުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އެތައް ކަމެއް ފަލަސްތީނާއި ދެކޮޅަށް ހިނގަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ޔަހޫދީންގެ އަމަލުތައް ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ސިއްހަތަކީ އިންސާނާގެ އަސާސީ އެއް ހައްގު ކަމުގައިވާއިރު، ހަނގުރާމައިގެ ސަރަހައްދުތަކުގައި އާއި ހާއްސަކޮށް ޣައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް މި ހައްގު ލިބުމަށް ހުރަސް އެޅިފައިވާ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އިންސާނީ ހައްގުތަކާއި ސިއްހީ ހިދުމަތްތައް ހިމާޔަތްކުރުމަކީ ހުރިހާ ގައުމުތަކަށް ވެސް ކުރުން މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވެފައެވެ.
