ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރަކަށް މަޖިލިހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފިއެވެ.
އޭގެއިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މުހިންމު ބައެއް މެމްބަރުންގެ ތެރޭގައި މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމާއި މަޖިލިހުގައި ތަޖުރިބާކާރު މެމްބަރުން ކަމަށްވާ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހިމެނިވަޑައިގަންނަވައެވެ.
ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ސަލީމްގެ ނަން ހުށަހެޅުއްވީ ޝާހިދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފަލާހެވެ.
މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އެ ނަން ވަނީ ފާސްކޮށްފައެވެ.
