ގދ. ފިޔޯރީން އިއްޔެ ގެއްލިގެން ހޯދަނިކޮށް ފެނުނު، މަރްޔަމް މީނާލް މުހައްމަދު، އިތުރު ޓެސްޓުތަކެއް ހެއްދުމަށް އެ އަތޮޅު ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އުމުރުން 08 އަހަރުގެ މީނާލް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 7:00 ހާއިރުއެވެ. ނަމަވެސް އިއްޔެ ހަވީރު، ފިޔޮރީ ކައުންސިލުން ވަނީ މީނާލް ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ.
މީނާލް ހޯދުމަށް ފިޔޮރީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ، ރޭ 11:30 ހާއިރުއެވެ.
އެ ކުއްޖާ ފެނުނީ، އެ ރަށުގެ ފަޅު ގޯއްޗެއް ކަމުގައިވާ ”ބިއުޓީ ކޯނަރ“ ގޭގެ ތެރޭގައި ހޭނެތިފައި އޮއްވައެވެ.
މީނާލް ފެނުނީ އެ ގޯތީގެ ފާރާއި ގޭގެ ބިތާއި ދެމެދުގައި އޮންނަ ހަނި ޖާގައެއްގެ ތެރޭގައި ބަންޑުން ބިންމަތީގައި އޮއްވައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މީނާލްގެ ހާލު ރަނގަޅު ކަމަށް ފިޔޯރީގެ ހެލްތު ސެންޓަރުން ބުނި ނަމަވެސް، ކުޑަ ކުއްޖަކު ނުފެނި އެހައި ގިނައިރު ވުމުން، ކުއްޖާގެ ހާލަތު އިތުރަށް ދެނެ ގަނެ، ބަލަން ޖެހޭ ކަންކަން ބެލުމަށް ޓެސްޓުތައް ހަދަން ޑޮކްޓަރު ލަފާ ދެއްވާފައިވާތީ، އޭނާ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދިނެވެ.
ި
