ހޯޕް އައިލެންޑަށް ގެންދަން ޖެހޭ 400 ކުދިން އެބަތިބި: މިނިސްޓަރު އިހުސާން
ކުށް ކުރާ ކުޑަކުދިން ރެހިބެލިޓޭޓް ކުރުމަށް ހާއްސަ ކުރާ ރަށް، ”ހޯޕް އައިލެންޑް“އަށް ގެންގޮސްގެން ފަރުވާ ދޭން ޖެހޭ 400 ކުޑަކުދިން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް މިއަދު ވަޒީރު ހާޒިރު ކުރުމުން، ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުށުގެ މާހައުލަށް އަންނަ ކުދިން، އެ މާހައުލަށް ހުށަހެޅުން އެއްކޮށް ހުއްޓުވިފައިނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގޭންތަކުން ކުށް ކުރަނީ އެމީހުން ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރުމަށް ފުރުސަތު ފަހިވެގެންދާތީ ކަމަށެވެ.

ކުށް ކުރުމަށް ފަންޑު ކުރާ މީހުންނާއި ކުށްކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރާ މީހުން އެކަމުގެ އަޑީގައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުން ހެދި އެސެސްމަންޓަށް ބަލާއިރު މުޅި ރާއްޖޭގައި ގާތްގަނޑަކަށް 400 އެއްހާ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކަމަށާއި އެ ކުދިންނަށް އަޅާލަން ޖެހިފައިވާ ކަމަށެވެ.

”އަޅުގަނޑުމެން މިހާރު ހެދި އެސެސްމަންޓަށް ބަލާއިރު ގާތްގަނޑަކަށް މުޅި ރާއްޖޭގައި 400 އެއްހާ ކުދިން އެބަތިބި އަޅާލަން ޖެހިފައި ތިބި. ރާއްޖޭގެ ސޯޝަލް ސެކްޓަރަށް ބަލާއިރު ގޭންގާ ދިމާލަށް އަންނަ ކުދިން އެއްކޮށް އައުން ހުއްޓުވިފައެއް ނެތް. އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ނިމިގެންދާއިރު މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، މީގެ އެންމެ ބޮޑު އެއް ކޮންޓްރިބިއުޝަން އަކީ ބޯހިޔާވަހިކަމާއި އާއިލާތަކަށް ދިމާވާ މާލީ ހާލަތްތަކުގެ ސަބަބުން އާއިލާތައް ރޫޅި ކުދިން ބިކަވެގެންދާ ދިޔުން ކަމުގައި ފާހަގަކުރައްވައިފައެވެ.

މި ދެކަމަށް ހައްލު ލިބުމުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން މަދުވެގެންދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.