ފުރާނައަށް ނުރައްކާވާ ބައްޔެއް ކަމުގައިވާ، މެނިންގޯކޮކޮލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ، މި ބަލި ފެނުމުން، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ފަށައިފައިވާ ކަމަށެވެ.

އަދި ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށް ބުންޏެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ ބސލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުންނާއި، ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުންނާއި، ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ، މި އަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ.

އަދި މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާއިރު، މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.