މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިއަދު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އެބަދެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން މިއަދު ބުނީ، އޮޑިވެރިންގެ އަތުން ގަނެފައިވާ ކަޅުބިލަމަހަށް ނުދައްކާވާ ފައިސާ މިއަދު ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން 52 މިލިއަން ރުފިޔާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް، މިފްކޯ އިން ހާމަކުރެއެވެ.
މިފްކޯ އިން ބުނެފައިވަނީ، މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިއަދު އެ ފައިސާ ދޫކުރެވޭނެ ކަމުގެ ސީދާ ޔަގީންކަން ނުލިބޭ ކަމަށެވެ.
އައްޑޫގެ މަސްވެރިންނަށް ފައިސާ ލިބުން ލަސްވެގެން ހުކުރު ދުވަހުން ފެށިގެން ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި، ވަނީ މުޒާހަރާ ކޮށްފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މިދިޔަ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާގެ އަދަދު 250 މިލިއަނަށް އަރައެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް ދިމާވެގެން އުޅެނީ އެހެންވެ ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
