ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި މުހައްމަދު ޖަމީލުގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި ރޭ ފަތިހު ވަޅުލައިފިއެވެ.
ޖަމީލުގެ މައްޗަށް ކުރެވުނީ، ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
އޭނާ ނިޔާވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، މާފުށީ ޖަލުގެ ގޮޅިއްގައެވެ.
އޭނާ ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމަށާއި ފަރުވާ ދިނުމުގައި އިހުމާލުވެގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން އަޑު އުފުލާފައިވެއެވެ. ފަތިސް ނަމާދަށް ފަހު ޖަމީލު ވަޅުލަން ނިންމާފައިވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާއިލާގެ ހުއްދައާ އެކު ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް އޭނާގެ އާއިލާގެ މީހުން ވަނީ އެކަން ކުރަން ބޭނުންނުވާ ކަމަށް ބުނެ ފުލުހުންނާ ކުރިމަތިލައިފައެވެ. އެހެންވެ، އާއިލާއިން ބޭނުންވާ ގޮތަށް، ރޭ ފަތިސް ނަމާދަށް ފަހު ޖަމީލުގެ ހަށިގަނޑު ވަޅުލީއެވެ.
ހޯމް މިނިސްޓަރު މިނިސްޓަރު އަލީ އިހުސާާން ވިދާޅުވި ގޮތުގައި ޖަމީލު ހުރި ގޮޅީގެ ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އޭނާ އެންމެ ފަހުން ހުރީ ނަމާދު ކުރާށެވެ. އަދި ނިޔާވީ ސަޖިދާ ގައި އޮއްވާ ކަމަށެވެ.