ކުޑަކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢަލީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ފަހުމުނާމާގެ މަޤްޞަދަކީ، ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުއްޖެއްގެ ޢުމުރުން 4 (ހަތަރެއް) އަހަރު ފުރުނީއްސުރެ، ޢުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 (ބާރަ) ނިމެންދެން ތަޢުލީމު ލިބުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދެ އިދާރާގެ ޒިންމާތައް ކަނޑައެޅުމެވެ.