ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯ ގެ މަގާމުން އިމާދު ސޯލިހު ވަކިކޮށްފިއެވެ.

މިކަން އެންޑީއޭގެ ބޯޑުގެ ޗެއާ ޕާސަން އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ވަނީ ހާމަކުރައްވައިފައެވެ.

ޕީއެސްއެމްގައި ލުބްނާ ވިދާޅުވީ އިމާދު އެ މަގާމުން ވަކިކުރުމަށް އެންޑީއޭގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ނިންމީ، އެ އިދާރާގެ މަގުސަދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދަމުން ގޮސްފައި ނުވާތީކަމަށެވެ.

ތަނުގެ ހާލަތު ދެނެގަތުމުގެ މާލީ އޮޑިޓަކާއި، އިދާރާ ހިންގުމާ ގުޅޭ އޮޑިޓެއް ހަދާފައިވާކަން ފާހަގަކުރައްވައި ލުބްނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބޭނުންވާ ސްޕީޑްގައި ތަންފީޒުކުރުމުގެ މިސްރާބަށް އެންޑީއޭގެ މަސައްކަތްތައް ކުރިއަށްނުދާކަން އެ އޮޑިޓްތަކުން ފާހަގަވި ކަމަށެވެ.

ލުބްނާ ވިދާޅުވީ އެންޑީއޭ ރީފޯމް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެންޑީއޭއަށް އާ ސީއީއޯއެއް އައްޔަނުކުރުމަށް ބޯޑުން ބޭފުޅަކު ނޮމިނޭޓްކުރައްއްވައި، އެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް ވެސް ލުބްނާ ވިދާޅުވިއެވެ.