ފަލަސްތީނަށް އެހީވުމުގެ ގޮތުން އދ.ގެ ޔުނައިޓެޑް ނޭޝަނަސް ރިލީސް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް ފަންޑަށް ރާއްޖެއިން 1.29 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އދ. ގައި ކުރިއަށްދާ ފަލަސްތީނަށް އެހީވާ ފަންޑާބެހޭ ކޮންފަރެންސެއްގައި އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު މުޙައްމަދު ވަނީ މިކަން ހާމަ ކުރައްވައިފައެވެ.

އަލީ ނަސީރުގެ ވާހަކައިގައި، ރާއްޖެއިން ފަލަސްތީނަށް އެހީވާ ފަންޑަށް ދޭން ކަނޑައެޅި 1.29 މިލިއަން ޑޮލަރުގެ އިތުރުން ރާއްޖެއިން ކުރީއްސުރެވެސް ފަލަސްތީނު ފަންޑަށް އަހަރަކަށް ޖަމާކުރަމުންއައި 5000 ޑޮލަރު 50،000 ޑޮލަރަށް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ”ފަލަސްތީނާއެކު ދިވެހިން“ މިނަމުގައި ކުރިއަށް ގެންދުވުނު ޓެލެތޯންއިން ލިބިފައިވާ 18.4 މިލިއަން ރުފިޔާއާއި 48،000 ޑޮލަރުވެސް މިކޮންފަރެންސް މެދުވެރިކޮށް ފަލަސްތީނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ”އދ.ގެ ޔުނައިޓެޑް ނޭޝަނަސް ރިލީސް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް ފަންޑު“ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ނަސީރު ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުގެ ޒަޔަނިސްޓުން ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާގައި ހާލުގައި ޖެހޭ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި މިފަންޑު ކުޅޭ ރޯލު ވަރަށް މުހިންމު ކަމަށެވެ.