ތިބާއާއި ރަހިމުގެ ގުޅުން އޮންނަ މީހަކާ އެ ގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެވެ. ގިނަ ސަވާބާ ދަރުމަ ލިބޭ ކަމެކެވެ.
ރަސޫލާ(ސ.އ.ވ)ގެ ސައްޚަ ހަދީޘް ބަސްފުޅުން އެނގޭ ގޮތުގައި، ރަހިމުގެ ގުޅުން ބާއްވާ މީހާގެ އުމުރު ދިގުވެ، އެމީހެއްގެ ރިޒްޤު ވެސް އިތުރު ކުރައްވައެވެ.
ރަހިމުގެ ގުޅުން އޮންނަ މީހެއްގެ ކިބައިގައި ތިބާ ނުރުހޭ ސިފަތަކެއް ހުރި ކަމުގައި ވިޔަސް، އެއީ ގޯސް މީހެއް ކަމުގައި ވިޔަސް، ތިބާ ގަޔާ ނުވާ މީހަކަށް ވިޔަސް، އެ މީހަކާ ގުޅުން ކަނޑާލައި، ވާހަކަ ނުދައްކާ ހުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޝެއިޚް އާސިމް އަލް ހަކީމް ވިދާޅުވީ، ރަހިމުގެ މާތް ގުޅުން ކަނޑައިފި މީހާ އަށް ސުވަރުގެ ނުވަދެވޭނެކަން މާތް ނަބިއްޔާ (ސ.އ.ވ)ގެ ހަދީޘް ބަސްފުޅެއްގައި އަންގަވާފައިވާ ކަމަށެވެ.
އެ ގުޅުން ކަނޑާލުމަކީ ހަމައެކަނި އާޚިރަތް ދުވަހުން އަޒާބު ލިބޭ ކަމެއް ނޫނެވެ. އެ ފާފަ ކުރާ މީހާއަށް މި ދުނިޔޭގައި، ރިޒްޤުގެ ދަތިކަން ކުރިމަތިވުން ފަދަ ކަންކަން ދިމާވެދާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ީޝެއިޚް އާސިމް ވިދާޅުވީ، މީހަކު މީހަކަށް ހެޔޮ ވެއްޖެނަމަ، އިންސާނާގެ ތަބީއަތުގައިވާ ގޮތުން، ބަދަލުގައި އެމީހަކަށް ހެޔޮކޮށް ހިތާނެ ކަމަށެވެ.
އެއީ ރަހިމުގެ ގުޅުން އޮތް މީހެއް، ނުވަތަ ނެތް މީހެއް ކަމުގައި ވިޔަސްމެއެވެ. އެހެންކަމުން އެކަމުގައި އިމްތިހާނެއް ނެތެވެ.
އިމްތިހާނަކަށް ވަނީ، އެގުޅުން ބާއްވަން އުނދަގޫ ޙާލަތުގައި ވެސް ބާއްވަން ޖެހުން ކަމަށް ޝެއިޚް ވިދާޅުވިއެވެ. ތިމާ ނުރުހުނަސް، ރަހިމުގެ ގުޅުން އޮތް މީހާ އަކީ، އެ ގުޅުން ނެތް މީހަކަށް ނުހެދޭނެއެވެ. އެއީ ބަދަލު ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ނުރުހޭ ހާލުގައި ވެސް، ގުޅުން ބާއްވާ، ހާލު އަހައި، ވާހަކަ ދައްކަން ޖެހެނީ، ތިބާ ހެއްދެވި ފަރާތުން އެގޮތަށް އެކަން ކުރަން އަންގަވާފައިވާތީއެވެ. މިއީ ހަނދާނުގައި ބެހެއްޓުން މުހިންމު ކަމެކެވެ.
ރަހިމުގެ ގުޅުން ބޭއްވުމުގައި ”މިނެދޭ ނާޅިން މިނެދިނުމުގެ އުސޫލު“ ގެންގުޅެވޭކަށް ނޯވެއެވެ. އެހެނީ، ތިބާ ކުރާ ޢަމަލުތަކާމެދު ސުވާލު ވެވޭނީ ތިބާއާއެވެ. އެހެން މީހަކަށް އެކަމުގެ އަސަރެއް ޤިޔާމަތް ދުވަހުން ނުކުރާނެއެވެ.
ިޝެއިޚް އާސިމް ވިދާޅުވީ، ރަހިމުގެ ގުޅުން އޮންނަ މީހުން ނުވަތަ މީހަކީ ތިބާއާ ދޭތެރޭގައި ވަރަށް ގޯޯސްކޮށް ކަންތައް ކުރާ މީހެއްނަމަ ވެސް ގުޅުން ކަނޑާ ނުލެވޭނެ ކަމަށެވެ. އެފަދަ ބައެއް ނުވަތަ މީހެއްގެ ހާލު ބަލަން އަބަދު ގުޅާނުލެވުނަސް، މާ ގިނަ ދުވަސް ނުކޮށް ހާލު ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، ރަހިމުގެ ގުޅުން އޮންނަ މީހަކު އުޅޭ ތަނެއްގައި ރާބުއިން ފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނަ ނަމަ، އެ ތަނަކަށް ދާން ނުޖެހޭ ކަމަށާއި، ދިޔުން ހުއްދަ ނުވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. އެ ފަދަ މީހަކަށް ނަސޭހަތް ދޭން ފޯނުން ގުޅައިގެން ވާހަކަ ދެއްކިދާނެއެވެ.
މަސްދަރު: https://youtu.be/759LJwgoAac?feature=shared
ު

