ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތުމުން، ސިޔާސީ ތިން ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން(އީސީ) އިން އެކްސްގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ތިން ޕާޓީ އަކީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ދަ ޑިމޮކްރެޓްސްއެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މި ތިން ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއެއް ވެސް ބައިލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.
ޕާޓީގެ އަހަރީ ހިސާބުތައް ބަލަހައްޓާފައި ނުވާ ނަމަ، ނުވަތަ ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ރިޕޯޓުތައް ހުށަހަޅާފައިނުވާ ނަމަ، 20 ހާސް ރުފިޔާ އާއި 50 ހާސް ރުފިޔާ އާ ދެމެދުގެ އަދަދަކުން ޕާޓީތައް ޖޫރިމަނާކުރުމުގެ ބާރު އީސީ އަށް ލިބިގެންވެއެވެ.

