އައްޑޫ ސިޓީގައި ޕިކްނިކް އައިލެންޑެއް ހެދުމަށް އެ ސިޓީގެ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން އެ ރަށް ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ، އަައްޑޫގެ ފަޅު ރަށެއް ކަމަށްވާ އައުހެރައިގައި ކަމަށެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އައުހެރައި ޕިކްނިކް އައިލެންޑަކަށް ހަދަން ކުއްޔަށް ނަގައި، އެތަން ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 31 ވަނަ ދުވަހު ހެނދުނު 10:00 ގެ ކުރިން ބީލަން ހުށަހަޅަންވާނެ ކަމަށެވެ
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައެވެ.
މީގެ ކުރިން، 2021 ވަނަ އަހަރު އައްޑޫ ސިޓީ ހިތަދޫ ރުއްޖެހެރެ ސަރަހައްދުގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

