ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ 67 އިންސައްތަ ނިމިއްޖެއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރް މިއަދު ވަނީ ހަނިމާދޫ އަށް ދަތުރެއް ކުރައްވާފައެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން، ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ދަތުރުގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭ އެކި މައުލޫމާތުތައް ވަފުދުގެ ބޭފުޅުންނަށް އަރުވާފައިވާ ކަމަށާއި، އެންމެފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި މަޝްރޫއުގެ 67.5 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ހިމެނޭ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

