ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ”އުރީދޫ މަސްރޭސް 2024“ މިއަދު އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށް އުރީދޫން ބުނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ.

 

ފެށުނީއްސުރެވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކ. ހިންމަފުށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެން އޯޝަން ރިސޯސަސް އާއި ގުޅިގެން އުރީދޫ މަސްރޭސް 2024 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

”އުރީދޫ މަސްރޭސް 2024 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަހަރުވެސް މަސް ރޭސް ބޭއްވިގެންދާނެ. މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާއެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން.“ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ

 

”އަޅުގަނޑުމެންގެ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2024 ގެ ޕާޓްނަރަކަށް ވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމަޢުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން. މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.“ މުހައްމަދު މުއްތަލިބު،ސްޓޭޓް މިނިސްޓަރ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 24ގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 – 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫން ބުނެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައިވެސް ތިރީގައިމިވާ ތާރީޚުތަކުގައެވެ.

• ހިންމަފުށި: 9 އޮގަސްޓް 2024
• ޅ.ނައިފަރު: 16 އޮގަސްޓް 2024
• ތިނަދޫ ސިޓީ: 23 އޮގަސްޓް 2024
އުރީދޫ މަސްރޭސް 2024 ގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެއެވެ.

16 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.

ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ
އުރީދޫ މަސްރޭސް 2024 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.

އުރީދޫ މަސްރޭސް 2024 ގައި ރަޖިސްޓްރީވުމަށް، ޒިޔާރަތްކުރުން: http://ore.do/masrace