ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްއަށް ޔަހޫދީން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރަން ފެށުމާއިއެކު، ގިނަ ބަޔަކަށް އަމިއްލަ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ވެއްޖެއެވެ.

ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދަކަށް ޔަހޫދީން އެންމެ ފަހުން ދިން ހަމަލާތަކެއްގައި 70 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 200އަށް ވުރެ ގިނަ މީހުންނަށް ޒަޚަމް ލިބިފައިވާ ޣައްޒާގެ ޞިއްޙީ އޮފިޝަލުން މަޢުލޫމާތުދެއެވެ.

ޚާން ޔޫނިސްއަށް ދިން ހަމަލާއަށް ފަހު، ޣައްޒާގެ ރައްޔިތުން ހިރަފުހުގެ ތެރޭގައި

ޓޭންކުތަކާއި ހަނގުރާމަތީ މަތިންދާ ބޯޓުތަކުން ދިން ހަމަލާތަކުގެ ކުރިން ޔަހޫދީން ވަނީ ޚާން ޔޫނިސްގެ 400،000 މީހުން އެހެން ސަރަހައްދުތަކަށް ދިޔުމަށް އަންގައި އިންޒާރު ދީފައެވެ. އަލްޖަޒީރާ އިން ބުނިގޮތުގައި، ޔަހޫދީން މި ހަމަލާތައް ދީފައިވަނީ ޚާން ޔޫނިސް ދޫކޮށް ދިޔުމަށް އެންގިތާ ”މިނެޓުކޮޅެއް“ ފަހުންނެވެ.

މީގެ އިތުރުން، އިޒްރޭލުން ވަނީ ޖަބަލިއާ ކޭމްޕުގައި ހުންނަ ގެއަކަށް ހަމަލާ ދީ، ހަތަރު މީހަކު ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަޚަމް ވެސް ކޮށްލައިފައެވެ.

ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު ވަނީ 39000އަށް ވުރެ އިތުރުވެފައެވެ.