މާރާމާރީ ހިންގި ހަ ބިދޭސީން ޑީޕޯޓު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ރޭ މާލޭ އަސްރަފީމަގުގައި ބިދޭސީން ތަކެއްގެ މެދުގައި ހިންގާ ދެ މީހަކަށް ވަނީ ފަރުވާ ދީފައެވެ. އަދި މި ހާދިސާއާއި ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.
އެ މީހުންގެ ވަނަވަރު އާންމު ކުރަމުން އިމިގްރޭޝަނުން ބުނީ، މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ހަ ބިދޭސީއަކު ފުލުހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތު ތަކަށްބަލާއިރު ހައްޔަރުކޮށްފައި ވަނީ ހުސް ފިރިހެނުންނެވެ. އޭގެ ތެރޭގައި 29 އަހަރުގެ ދެ މީހުންނާއި 27 އަހަރުގެ މީހަކާއި 26 މީހެއްގެ އިތުރުން 40 އަހަރުގެ މީހެއް ހިމެނެއެވެ. އަދި ހަމައެހެންމެ 38 އަހަރުގެ މީހެއްވެސް ހިމެނެއެވެ. އެ މީހުންގެ ފޮޓޯއާއި އުމުރު އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

