އެމްޑީޕީގެ ވެރިކަމުގައި އަމަލު ކުރި ގޮތުން ސިއްހީ ނިޒާމު ބޮއްސުންލާފައިވާ ކަމަށާއި، އެ ނިޒާމު ކޮޅަށް ޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ހަލީލު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ރަށްތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ކުރީ ސަރުކާރުން އަޅާލާފައި ނުވާކަމަށެވެ.
އަދި އެތަންތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް ދެކެވިފައި ހުރީ ހުސް ވާހަކަތަކެއްކަމަށާއި އަމަލީ ގޮތުން އެއްވެސް މަސައްކަތެއްކޮށްފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހޮސްޕިޓަލްތައް ތަރައްގީކޮށް، ބަދަލު ގެނައިކަމަށް ބުނި ނަމަވެސް އެ މަރާމާތުތައް ގެނެސް ޒަމާނީ ފެންވަރެއް ފެންނަން ހުރީ ހަމައެކަނި ހޮސްޕިޓަލްގެ އޮފީސް ބައިކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޮފީސްބައި މަރާމާތުކޮށް ބަދަލު ގެނައި ނަމަވެސް މި ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންނަށް ހިދުމަތް ދޭ ބައިތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

