ފާއިތުވި ޖޫން މަހާ އަޅާބަލާއިރު، ޖުލައި މަހުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި މިންވަރު މަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިއަދު އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި، ޖޫން މަހުގައި ޑެންގީ ހުން ޖެހިގެން 798 މީހުން ރިޕޯޓު ކުރިއެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ، 556އަށް ތިރިވެފައެވެ.

މިދިޔަ މަހު ޑެންގީ ކޭސްތައް މަދުވިޔަސް، 2023 ވަނަ އަހަރުގެ ނި ދުވަސްވަރާ އަޅާބަލާއިރު އިތުރެވެ. 2023 ވަނަ އަހަރުގެ ޖޫން މަހުގައި ޑެންގީގެ 569 ކޭސް ރިޕޯޓު ކުރިއިރު، އެ އަހަރުގެ ޖުލައި މަހު، މި ބަލި ޖެހިގެން ރިޕޯޓު ކުރީ 304 މީހުންނެވެ.

މިދިޔަ މަހުގެ ޑެންގީ ކޭސްތައް މަދު ވިޔަސް، މަދިރިން ރައްކާތެރިވެ، މަދިރީގެ ޒަރީއާއިން ފެތުރޭ އެހެނިހެން ބަލިތަކުން ވެސް ރައްކާތެރިވުމަށް ސަމާލުކަން ދޭން އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

ޑެންގީ ހުން ޖައްސާ އީޑީސް މަދިރި އެންމެ ގިނަ ވާ ވަގުތުތަކަކީ ފަތިހާއި ހަވީރާއި އިރުއޮއްސޭ ވަގުތު ކަމަށްވާއިރު، އެ ވަގުތުތަކުގައި ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.