ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އެއްވެސް ރައްޔިތެއްގެ ހައްގަށް އަރައިނުގަނެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ ސަރުކާރުން ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓާ ގުޅޭ ގޮތުން ހައިދަރު ވިދާޅުވީ ފްލެޓުތަކުގެ ހައްގުވެރިންނަށް އޮކްޓޫބަރު މަހުގެ ތެރޭގައި ފްލެޓުތައްފީ ނިންމާލެވޭނެ ކަމަށެވެ.

ހައިދަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އޭސީސީން އޮތީ އެ މަސައްކަތް ހުއްޓުވާފައި ކަމަށެވާއި، އެ ފްލެޓްތަކާއި ގުޅޭ އެއްވެސް މަސައްކަތެއް ވެރިކަމަށް އައިސް ނުކުރެވުނު ކަމަށެވެ.

ހައިދަރު ވިދާޅުވީ 14 ފެބްރުއަރީގައި އޭސީސީއިން މަސައްކަތް ނިންމާފައި ފްލެޓް ލިސްޓް މިނިސްޓްރީއާއި ހަވާލުކުރިއިރު ބައެއް ކަންކަން ކުރުމަށް ލާޒިމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމްތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު ނާންނަ ގޮތަށް ކަށަވަރުކޮށް މައްސަލަ ހުރި ފޯމްތައް މުރާޖާ ކުރުމަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި މައްސަލަ ހުރި ފޯމްތައް މުރާޖައާ ކުރުމުގައި ހުރިހާ އެންމެންގެ މެދުގައި އެއް މިންގަނޑަކުން އަމަލުކުރުމަށާއި އެކަން ކަށަވަރުކުރުމަށް ވެސް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫންކަމަށެވެ.

އެގޮތުން ކަނޑުންނާއި ފަޅުން ދޫކޮށްފައި ހުރި ބިންތަކެއް ގޯއްޗަށް ނުވާނެ ކަމަށާ، އެއީ ރައްޔިތުންނަށް ގޯތި ދޫކުރާ ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ބިންތައް ރައްޔިތުންނަށް ހަވާލުކުރާނީ ހިއްކާ ނިންމާފައި ކަމަށް ވެސް ވިދާޅުވިއެވެ.