މޫސުން ގޯސްވެ، ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށްފައިވާ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލް ކޮށްފިއެވެ.
އެ ކޯޓުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދު ސަރުކާރު ބަންދުކޮށްފައިވާތީ އާއި ވިއްސާރައިގެ ސަބަބުން، ކޯޓުގެ އިމާރާތަށް ފެނުގެ އަސަރު ކޮށްފައިވާތީ، ކޯޓުން ތާވަލުކޮށްފައިވާ ހުރިހާ މައްސަލަތައް ކެންސަލް ކޮށްފައިވާކަމަށެވެ.
ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް، ވާރޭ ވެހި ފެންބޮޑުވާއިރު، ކްރިމިނަލް ކޯޓުގެ އިމާރާތައް އަސަރު ކުރެއެވެ.
އިއްޔެ ވެރިރަށް މާލެއަށް ކުރި ވިއްސާރައިގައި، 200އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވެއެވެ.
މި ހަފްތާގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި، އާދަޔާއި ހިލާފަށް ގިނައިން ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އޭގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

