‏މިއަދު ސަރުކާރު ބަންދުކުރުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އިއްޔެ ވެރިރަށް މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 200އަށްވުރެ ގިނަ ގެއަށް ފެން ވަނެވެ. އަދި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ސަބަބުން އާއްމު ދިރިއުޅުމަށް އުނދަގޫވާ ހާލަތަށް ދިޔައެވެ.

މި ހާލަތުގައި އާއްމުންނަށް ގިނަ ދަތިތަކެއް ދިމާވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފައެވެ.

ބައެއް ފަރާތްތަކުން މިކަމަށް ފާޑުކިޔާފައި ވަނީ އިއްޔެއަށްވުރެ މިއަދު މޫސުން ރަނގަޅު ކަމަށް ބުނެއެވެ. ނަމަވެސް މި މުޅި ހަފްތާގައި ވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުންނާއި، އަލްޖަޒީރާގެ ވެދަރފޯކާސްޓުގައި ވަނީ ކުރިން ފާހަގަކޮށްފައެވެ.

ޝެއިހު ޒައިދު އެކްސްގައި ވިދާޅުވީ، މިއަދު ސަރުކާރު ބަންދުކޮށްގެން މަލާމާތްކުރާ މީހުން، އިއްޔެ އެތަކެއް ރައްޔިތުން އުޅު ހާލު ހަނދާާނެއް ނެތް ކަމަށެވެ.

”އިންސާނުންނަކީ މިކަހަލަ ބައެއް! ކޮންމެއަކަސް އިއްޔެގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް މިއަދުގެ ބަންދުން ލިބިގެން ހިނގައްޖެ!“ ޒައިދު ވިދާޅުވިއެވެ.

މެޓު އޮފީހުން ލަފާ ކުރާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ.