ރ.ފުއްގިރި މައްސަލަ އާއި ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ތާވަލްކޮށްފިއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެކެވެ.
އެއީ ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ.
މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރިން ހުކުމް ކުރި ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ޔާމީންއާ ގުޅޭ އާރަށުގެ މައްސަލައިގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފައިވާއިރު ފުއްގިރި މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ. މި ދެ މައްސަލަ ވެސް ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.