ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ފްލޯޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، ފްލޯޝަންގެ މެނޭޖިންގ ޑިރެކްޓަރ، އަލެގްޒަންޑަރ ފުލެސަންގ އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުހައްމަދެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.
މި ދިރާސާގައި ކަނޑު އަޑީގައި އާރ.އޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެން އުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މި ދިރާސާގައި އެކުންފުނީގެ މައިގަނޑު ދައުރަކަށް ވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވާއިރު، މިދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ގާއިމްކުރެވިއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް އެމްޑަބްލިޔުއެސްސީ ބުނެފައިވެއެވެ.
އަދި އޭގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ގާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ހަރަދު ކުޑަކުރެވިގެން ދާނެކަންވެސް އެކުންފުނިން ހާމަކޮށްފައި ވެއެވެ.

