އިންޑިއާގެ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު އޭނާގެ މަންމަ އައިފޯނެއް ގަނެ ނުދިނުމުން، ތިން ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކައި ހުރެ، މަންމަ ލައްވައި އެންމެފަހުން ފޯނު ހޯދައިފިއެވެ.
މިކަން ވަނީ އިންޑިއާގެ ބައެއް މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައެވެ. ބެލެވޭ ގޮތުގައި އައިފޯނު ގަންނަން ބޭނުންވި ޒުވާނާގެ މަންމަ އަކީ އެކަނިވެރިއެކެވެ. އޭނާ އާމްދަނީ ހޯދަނީ މާ ވިއްކައިގެންނެވެ.
ފިރިހެން ކުއްޖާ އެންމެ ފުރަތަމަ އައިފޯނަކަށް އެދުމުން، މަންމަ އެންމެ ފުރަތަމަ ދެކޮޅު ހެދީ، އައިފޯނު މާ އަގުބޮޑުވުމުންނެވެ. އެހެންވެ، އެ ޒުވާނާ ވަނީ، އައިފޯނު ގަނެދޭތޯ ކެއުން ދޫކޮށްލައިފައެވެ. މި މަންޒަރު ބަލަން މަންމައަށް ކެތްނުވެ، އެންމެ ފަހުން އައިފޯނު ގަންނަން އެ ކުއްޖާ އަތަށް ނަގުދު ފައިސާ ދިނީއެވެ.
އެ ފިރިހެން ކުއްޖާ ފޯނު ގަންނަން ވަތް ފިހާރައިގެ އޯނަރަކީ ކޮންޓެންޓް ކްރިއޭޓަރއަކަށް ވުމުން، މި މަންޒަރުތައް ވީޑިއޯ ކުރީއެވެ.
އަދި އެ ޕޯސްޓު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ފިރިހެން ކުއްޖާއާ ފިހާރައިގެ އޯނަރު ވާހަކަ ދައްކަމުން ދިޔައިރު، ކައިރީގައި ހުރި މަންމަ ބުނީ، ކޮންމެވެސް ދުވަހަކުން އޭނާގެ ދަރިފުޅު އެ ފައިސާ އަނބުރާ ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މި ޚަބަރަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ އެ ޒުވާނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން އޭނާގެ މަންމައަށް ކޮށްފައި އެވަނީ، އިމޯޝަނަލް، އަދި ފައިނޭންޝަލް ޓޯޗަރ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

