އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖައްސައި ބަލި މީހުން އުފުލަން މޯލްޑިވިއަންގެ ސީޕްލޭނެއް ހާއްސަ ކުރިއިރުވެސް އެއީ އެ ހިދުމަތް ދޭން އެކަށޭނަ އުޅަނދެއް ނޫންކަން އެނގޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވި ކަމަށް ބުނެ ނޫހެއްގައި ފެތުރި ވާހަކަ މިނިސްޓަރު ދޮގު ކުރައްވައިފިއެވެ.
ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ، މި ސަރުކާރުން ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިއިރު، ދަތިކަމެއް ނެތި، އެކަން ކުރެވޭކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެއަށް ޑޭޝް08 މަރުކާގެ މަތިންދާ ބޯޓެއް ހަމައެކަނި މެޑިކަލް އިވެކުއޭޝަނަށް ހުސްކޮށް ބެހެއްޓުން މިވަގުތު އެހާ މުހިންމު ނޫން ކަމަށާއި، ފާއިތުވި ފަސް މަސް ދުވަހު ވެސް، ސިއްހީ އަވަސް ފަރުވާއަށް ސީޕްލޭން ދަތުރަށް ރިކުއެސްޓެއް ނާންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މައުލޫމާތު ހެލްތު މިނިސްޓަރު ހަލީލާއި، މިނިސްޓަރު އަމީން ރައީީީސް ޑރ.މުހައްމަދު މުއިއްޒު އަށް އެރުވުމުން، ސީޕްލޭން މޯލްޑިވިއަންގެ ކޮމާޝަން އޮޕަރޭޝަނުގައި ބޭނުން ކުރަން ވަޒީރުން ނިންމެވުމަށް ދޫދެއްވިކަން އަމީން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ނޫސްތަކުން މިކަން ސިޔާސީ ކުރިޔަސް، މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ސީޕްލޭން ބޭނުން ކުރަން ފަށަން ނިންމީ ވަސީލަތެއް ބޭނުން ނުކުރެވި އޮންނާތީ ކަމަށެވެ.
“މި ސުރުހީއަކީ ހަގީގަތާއި ހިލާފު، އަދި އެއްވެސް ޒިންމާދާރުކަމެއްނެތި ލިޔެފައިވާ ސުރުހީއެއް.. އަޅުގަނޑު އެއްވެސް އިރެއްގަ މިހެން ބުނެފައި ނުވާނެ.“ އަދަދު ނޫހުގެ ޕޯސްޓެއް ހިއްސާ ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ސީޕްލޭން ކޮމާޝަލްކަންކަމަށް ބޭނުން ކުރަން ފެށިޔަސް، މެޑިކަލް ކަމެއްގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ސީޕްލޭންގެ ދުވަހުގެ ތާވަލުން އެކަމަށް އިސްކަން ދޭނެ ކަމަށެވެ.
މެޑިކަލް އިވެކުއޭޝަންއަށް ދިވެހި ރައްޔިތުންގެ ސިއްހަތުގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދެއްވައިގެން އެންމެ ފުރަތަމަ އެއާ އެމްބިއުލާންސް ތައާރަފް ކުރެއްވީ ރައީސް މުއިއްޒުއެވެ.
މި ސަރުކާރުން އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރީ ޑޭޝް8 މަރުކާގެ ބޯޓަކާއި ސީޕްލޭންއެކެވެ.
އެ ބޯޓުގައި އެއްފަހަރާ ދެ ބަލި މީހުން އުފުލޭއިރު، އެއާ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީނު ކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.
ސީޕްލޭން އެއާ އެމްބިއުލާންސުން 25 އަށް ވުރެ ގިނަ ދަތުރު މިހާތަނަށް ކޮށްފައިވެއެވެ.
އެއާއެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ހިދުމަތަށް ނެރުނު ފަހުން ބައެއް މަސްމަހު އެންމެ ދަތުރެއްވެސް ސީޕްލޭންގައި ކުރަން ނުޖެހެއެވެ.
އެހެންކަމުން ސީޕްލޭން ކޮމާޝަލީ ބޭނުންކުރަން ނިންމީ މެޑިކަލް އިވެކުއޭޝަންއެއް ކުރިމަތިވެ ސީޕްލޭން ބޭނުންކުރާ ހާލަތަށް އަޔަސް، އޭގައި ދަތިކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިންނެވެ.

