ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މިރޭ އެމަނިކުފާނު ފުރާވަޑައިގެންނެވިއިރު، ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ މެއި މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ ފަސްވަނަ ދުވަހުއެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ ސިއްހީ ފަރުވާއާ ގުޅޭ ކަމެއްގައެވެ.
ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަސް ފަހުން ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

