ކޯންފްލޭކްސް ޕެކެޓެއް ތެރޭގައި ފޮރުވައިގެން 81،030 ޑޮލަރު ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ބިދޭސީ މީހާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޝަހްމިން އިސްލާމް ޝަގުރެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޑޮލަރުތަކަކާ އެކު މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ މީހާ 15 ދުވަހަށް ބަންދު ކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އެ ބިދޭސީ މީހާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މަނީ ލޯންޑާ ކުރި ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ފައިސާ ފެނިފައިވަނީ ޔޫއެސް ބަންގްލާ އެއާލައިންސްއިން، މާލެއިން ބަންގްލަދޭޝްގެ ވެރި ރަށް ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން ކަމަށެވެ.
އޭވިއޭޝަން ކޮމާންޑުން އެކްސްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ލަގެޖުގައި އެ ޑޮލަރުތައް ފޮރުވައިގެން ގެންދިޔައީ ކެލޯގްސް ބްރޭންޑްގެ ކޯންފްލޭކްސް ޕެކެޓެއް ތެރޭގައެވެ. އެ ޕެކެޓު ވަނީ ޑޮލަރުތައް އެޅުމަށްފަހު ރީއްޗަށް ބަންދުކޮށްފައެވެ.
އަދި އެ ފައިސާ ފޮރުވައިގެން ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނުކަން އެއާޕޯޓުގެ ސްކްރީނިން ޓީމުން ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ.

