މާލީ ބަޣާވާތް ގެންނާން އުޅުނު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ސީއީއޯ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
“ރައްޔިތުން އޮންނަނީ އެކާޑަށް ބަރޯސާ ވެފައި. ކިޔަވާ ކުދިން އޮންނަނީ އެކާޑަށް ބަރޯސާވެފައި. ކުދި ވިޔަފާރިތައް ކުރާ ފަރާތްތައް އޮންނަނީ އެކާޑަށް ބަރޯސާވެފައި. އެގޮތަށް އިރު އަރާފައި ސަރުކާރުގެ ނުރުހުމާ އެކީގައި އެފަދަ ފިޔަވަޅެއް އެޅިގެން ނުވާނެ. އެއީ ބަޣާވާތުގެ ބައިވެރިން.”
ޝިިޔާމް ވިދާޅުވީ މިއަދު ބީއެމްއެލްގެ ބޯޑުގައި އެ މެންބަރުން ތިއްބަވާނެ ކަމެއްނެތް ކަމަށާއި އެ ބޭންކުގެ ސިއީއޯވެސް ޖެހޭނީ އިސްތިއުފާ ދޭން ކަމަށެވެ.
މިހާ ބޮޑު ގެއްލުމެއް ދިވެހިގައުމަށާއި ދިވެހި ރައްޔތުންނަށް ދޭން މަސައްކަތް ކުރި ފަރާތަކަށް މިއަދު ބީއެމްއެލްގެ އެންމެ މަތީ މަގާމުގައި ހުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ބީއެމްއެލް އިން ރުފިޔާ ކާޑުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތައް މެދުކަނޑައިލަން ނިންމުމާއެކު އެމްޑީޕީން ޕްރެސް ކޮންފަރެންސްއެއް ބާއްވައި، ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލަމުން ދިޔަ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ަ

